ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއެވެ.

ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރީއާ މެނޭޖާ ސެންޓަރަލް ރެހާން މުހައްމަދު ފާއިޒް އާއި އިއްތިހާދު އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުނާޒް އަލީ އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް، EY376 އިން ރާއްޖެ އައި 180 ފަސިންގަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ގާއިމުވެފައި އޮންނަ އިއްތިހާދު އެއާވޭސް އަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އޭގެ އިތުރުން އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2011 ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ތިން ވަނަ އެއާލައިނެވެ. އެތިހާދު އެއާވޭސް އާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 29 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާޢްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.



