ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެތެރޭގެ އިންތިހާބު އަންނަ މަހުގެ 27 ގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން ކަނޑައެޅި ކެމްޕޭން މެނޭޖަރު އިބްރާޙިމް ފަލާހު އާއި ކޮންގްރެސް ޕާޓީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ފަލާހު ވިދާޅުވީ ޑިސެމްބަރު 27 ގައި އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 1 އިން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މުއްދަތު ހަމަވާނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 18:00 ގަ އެވެ.
ފަލާހު ވިދާޅުވީ މިވަގުތު ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ނެތް ފަރާތްތަކަށްވެސް އިންތިހާބުގައި ކުރިމަތިލުމަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ވާދަކުރުމަށް އެފަދަ ފަރާތްތަކުން ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް އޮންލައިންކޮށް ފޯމް ހުށަހަޅަން ޖެހޭނެކަމަށް ފަލާހު ވިދާޅުވި އެވެ.
މި އިންތިހާބު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ވެގެން ދާނެކަމަށް ގަބޫލު ކުރެވޭކަމަށް ކެމްޕޭން މެނޭޖަރު ފަލާހު ވިދާޅުވި އެވެ. ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން މިހާރުވެސް ޝައުގުވެރިކަން ހާމަކުރަމުންދާކަމަސް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މި އިންތިހާބުގައި ވޯޓު ލެވޭނީ އެމީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް އެކަނި ކަމަށެވެ. އެގޮތުން ރަށްރަށަށް ނިސްބަތްވާ ވޯޓު ފޮށި އެހެން ރަށެއްގައި ނުވަތަ މާލޭގައި ނުބަހައްޓާނެކަމަށް ފަލާހު ވިދާޅުވި އެވެ.



