އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހީމް މިހާރު ނ. އަދި ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބ. އޭދަފުށްޓަށް ކުރެއްވި ޒިޔާރަތުގައި، ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން | ފޮޓޯ: ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސާއި، ކައުންސިލް އިދާރާގެ މެމްބަރުންނާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން | ފޮޓޯ: ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، މިއަދު ބިންގާ އެޅި މި މަޝްރޫޢަކީ މިރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ސަރުކާރުގެ ފަރާތުން އެދެމުން ދިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިރަށުގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމަކީ، މިރަށުގެ ރައްޔިތުންނަށް އަދި މުޅި މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަަތަކީ، ސަރުކާރުން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 181.7 މިލިޔަން ރުފިޔާގެ މިމަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް