އަވަށްޓެރި ސްރީލަންކާއަށް އަށް އެރި ”ޑިޓްވާ“ ތޫފާނުގައި ގިނަ ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން ރާއްޖެ އިން ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާ ކުރަން ނިންމާފައިވާ ކަން ދިވެހި ސަރުކާރުން ދެންމެ އިއުލާންކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި މި އެހީއަކީ ލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ދިވެހި ސަރުކާރުން ދޭން ނިންމި އެހީއެކެވެ. އަދި މި ނިންމުމަކީ ”ޑިޓްވާ“ ތޫފާނުގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
”މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ.“ ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
”މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުމެވެ.“ ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.



