އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގު: އަނެއްކާވެސް ތަފާތު ބޮޑު ނަތީޖާ އަކުން އެންފީލްޑްގައި ލިވަޕޫލް ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ވާދަކޮށް 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެއެވެ.

އަދި ހުރިހާ މުބާރާތެއްގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެޓީމު ބަލިވެފައިވާއިރު، މިއީ ތިންލަނޑުގެ ތަފާތަކުން އެޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.

ނެދަލޭންޑްސްގެ ޕީއެސްވީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްވީ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޕޯވާޑް އިވާން ޕެރަސިޗް އެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސްބޮސްލާއި އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ނެދަލޭންޑްސްގެ ޕީއެސްވީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ޕީއެސްވީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމު މޮރޮކޯ ފޯވާޑް ސުހެއިބް ޑްރުއެޝް ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ގުސް ޓިލް އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ޕީއެސްވީއަށް އަށް ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް