އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މަޖިލީހުން ބަޖެޓް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ބަޖެޓް ދިރާސާކޮށް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށް ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅީ މި ނޮވެމްބަރު މަހުގެ 19 ގައެވެ.
ނަމަވެސް ބަޖެޓް ހުށަހަޅާފައިވާ އަދަދަށް ބަދަލު ނާންނަހެން، ބަޖެޓް ކޮމިޓީން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކުރީ، ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭގޮތަށެވެ. އެއީ ބަޖެޓްގައި ހިމެނޭ ކަންތައްތަކަށް އެޖެސްމަންޓް ގެނެސް ބާކީވާ ފައިސާ މަޖިލީހުގެ ބަޖެޓަށް އިތުރު ކުރާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްގެންދިޔައީ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދީގެންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހަށް ބަޖެޓް ބަޖެޓް ބަހުސް ނިންމައިލީ، 60 މެންބަރުން ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހުގައެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަަލަށް، ބަޖެޓް ކޮމީޓީގެ ރިޕޯޓަށް ބަހުސް ކުރިއަށް ގެންދިޔައީ ވާހަކަ ދައްކަވަން ބޭނުންވާ ބޭފުޅުންނަށް ހަތް މިނިޓްގެ ފުރުސަތެއް ދެއްވައިގެންނެވެ.
އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒް ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ. މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާ ކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.
”2026 ވަނަ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ). މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،“ މިދިޔަ މަހުގެ 30 ގައި މަޖިލީހަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް ގިނަ މިނިވަން މުއައްސަސާތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު ކުޑަ ކަމަށް ބުނެ، އެ މުއަައްސަސާތަކުގެ ބަޖެޓް އިތުރަށް ބޮޑުކޮށްދޭން އެ މުއައްސަސާތަކުން ކޮމިޓީގައި އެދުނެވެ. ބަޖެޓް ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން އޮތުމުން، މިނިވަން މުއައްސާތަކުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް، އެ މުއައްސަސާތަކުން އެދުނު އަދަދުތަކަށް އިތުރަށް ފައިސާ ދެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.



