އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އާސެނަލް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓޮޓެންހަމް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު އެބެރިޗީ އެޒޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ. މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު އެޓީމުގެ ބްރެޒިލް ފޯވާޑް ރިޗާލްސަން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާސެނަލްގެ އެޒޭ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން އާސެނަލްއަށް 29 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.



