ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއަށް ނުހަނު އިސްކަމެއް ދެއްވާފައިވާކަން އެމަނިކުފާނު އެކުލަވާލި މެނިފެސްޓޯއިންވެސް އެނގިހާމަވެގެންދާނެއެވެ. އަދި ދައުރު ފެއްޓެވުމާއެކު އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުއްވުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްޕުޅުތަކެއް ކުރެއްވިކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ އަލީގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ބެއްލެވުމުގެ ދަށުން އިސްލާމީ ދާއިރާއިން މީހުން ބިނާ ކުރެއްވުމަށާއި ވަޤްފު މަޝްރޫޢުތައް ފަދަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުގެ މަތީން ކުރެވުނު މަސައްކަތަކާއެކު ފާއިތުވެދިޔަ ދެ އަހަރަަކީ އިސްލާމީ ދާއިރާއިން ތާރީޚީ ކާމިޔާބީތަކެއް ހޯދުނު ދެއަހަރެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އިސްލާމީ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ދަތުރުތައް ލިބިގެންދިއުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެގޮތުން ފާއިތުވެދިޔަ ދެ އަހަރުތެރޭ 100 އަށްވުރެ ގިނަ ތަމްރީން ފުރުޞަތު އިމާމުންނަށް އެކި ޤައުމުތަކުން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 40 އިމާމުން ސަޢުދީ ޢަރަބިއްޔާއަށް، 40 އިމާމުން މެލޭޝިޔާއަށް، ބުރުނާއީ، އިންޑޮނޭޝިޔާ އަށް 40 އިމާމުން ތަމްރީންކޮށް ތަޖުރިބާ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ހިމެނޭހެން 40 އަންހެން ބޭފުޅުންނަށް ސަޢުދީ ޢަރަބިއްޔާއިން ތަމްރީނާއި ތަޖުރިބާގެ ދަތުރު ލިބިފައިވާއިރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަފުދުތަކަށް ޗައިނާއާއި ޕާކިސްތާނުން ސަޤާފީ ދަތުރުތަައް ލިބިފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުންނަށް އެކި ފަހަރު މަތިން ޒަކާތުގެ ދާއިރާއިން ކުރިއަރާފައިވާ މެލޭޝިޔާއިން ތަމްރީނުގެ ފުރުސަތު ލިބިފައިވެއެވެ.
ހަމައެއާއެކު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) އާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅުން ބަދަހިވެ އެތަނުގެ ދަށުގައިވާ އިންޓަނޭޝަނަލް އިސްލާމިކް ފިޤްހު އެކަޑަމީ ގެ މެންބަރުކަން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ލިބިލައްވާފައިވެއެވެ. އަދި މުސްލިމް ވޯލްޑް ލީގް ގެ ސްޕްރީމް ކައުންސިލްގެ މެންބަރުކަން ވެސް ރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބި ރާބިޠާއާ އެކު ރާއްޖެ އޮންނަ ގުޅުން ބަދަހިވެގެން ގޮސްފައިވެއެވެ.
ފާއިތުވެދިޔަ ދެ އަހަރަކީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މި ވުޒާރާއާއި ދެމެދު ގުޅުން އިންތިހާއަށް ބަދަހިވެގެންދިޔަ ދެ އަހަރެވެ. މިކަމުގެ ހެޔޮ ނަތީޖާ ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާގެ ތަފާތު އެކި ދީނީ ޢިލްމުވެރިން ރާއްޖެއަށް ވަޑައިގެން ގިނަ ޕްރޮގުރާމުތަކެއް ބޭއްވިފައިވެއެވެ. ހަމައެއާއެކު ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް އެތައް ހާސް މުސްޙަފްތަކެއް ލިބިގެންގޮސްފައިވަނީވެސް މި ގުޅުމުގެ ސަބަބުންނެވެ.
މިކަންކަމުގެ އިތުުރުން އިސްލާމީ ދާއިރާއިން މުހިއްމު މަހާސިންތާތަކެއް ފާއިތުވެދިޔަ ދެ އަހަރު ބޭއްވި ދާއިރާގެ ބޭފުޅުންގެ މަޝްވަރާއާއި ޚިޔާލު ހޯދިފައިވެއެވެ. އަދި އެ މަހާސިންތާތަކުގެ ނަތީޖާއަށް ބަލާ މުހިއްމު އިދާރީ ބަދަލުތަކާއި ޤަވާއިދުތައް ހެދިފައިވެއެވެ. އެގޮތުން އިމާމުންގެ މަހާސިންތާއާއި، ޖަމްޢިއްޔާތަތަކުގެ މަހާސިންތާއާއި، ޢިލްމުވެރިންގެ މަހާސިންތާ، ފަތުވާ މަހާސިންތާ އަދި ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްއާއި ޒަކާތު ހައުސްއިން ބޭއްވި ޒަކާތު ކޮންފަރެންސް ފާހަގަކޮށްލެވެއެވެ.
ފާއިތުވެދިޔަ ދެ އަހަރުތެރޭގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދެވުނު އެންމެ މުހިއްމު އެއް ޕްރޮގުރާމަކީ ޒުވާން ޚަޠީބުން ޕްރޮގުރާމެވެ. ރާއްޖޭގެ އެކި ރަށްރަަށަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ މި ޕްރޮގުރާމުން މިހާތަނަށް 503 ޒުވާން ޚަޠީބުން ނެރެވިފައިވެއެވެ. މިއީ ވުޒާރާގެ އެންމެ އުއްމީދީ އެންމެ ކާމިޔާބު އެއް މަސައްކަތެވެ.
މީގެ އިތުރުން ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްވެސް ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި މާލޭގައި ކުރިއަށް ގެންދާ ދާރުލްއަރްޤަމް ވަޤްފު މަޝްރޫޢުގެ ބިންގާ އަޅާފައިވާއިރު، މި މަހުގެ ތެރޭގައި ހުޅުމާލެ ދާރުއްސަލާމް ވަޤްފު މަޝްރޫޢުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލި ވަޤްްފު މަޝްރޫޢުވެސް މިހާރު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވެއެވެ. މި މަޝްރޫޢުތަކަކީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢޫތަކެކެވެ.
މިހުރިހާ ކަމަކަށް ބަލާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ އިސްލާމީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ ދެ އަހަރުކަން ފާހަގަވެގެންދާނެއެވެ. އެއީ މީހުން ބިނާކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ވުޒާރާއިން އެންމެ ބުރަކޮށް މަސައްކަތްކުރި ކާމިޔާބު ދެ އަހަރެވެ.



