ޑެންމާކް 3-4 އިން ބަލިކުރުމަށްފަހު އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ސްކޮޓްލޭންޑް ކޮލިފައިވެއްޖެ އެވެ.
މިއީ 1998 ވަނަ އަހަރަށްފަހު ސްކޮޓްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި ސްކޮޓްލޭންޑަށް ލީޑު ނަގައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ރަސްމުސް ހޮއިލުންޑް ޑެންމާކަށް ލީޑު ނަގައިދިންއިރު މެޗުގެ 61 ވަނަ މިނެޓްގައި ޑެންމާކުގެ ރަސްމުސް ކްރިސްޓެންސަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގެ 78 ވަނަ މިނެޓްގައި ލޯރެންސް ޝަންކްލޭންޑް ސްކޮޓްލޭންޑަށް އަލުން ލީޑު ނަގައިދިން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޕެޓްރިކް ޑޯގޫ ވަނީ ޑެންމާކަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްކޮޓްލޭންޑުން ދެ ގޯލު ކާމިޔާބުކޮށް ވަނީ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި ދެ ގޯލު ސްކޮޓްލޭންޑަށް ކާމިޔާބުކޮށްދިނީ ކިއެރަން ޓިއެނީ އާއި ކެނީ މެކްލީން އެވެ.
ސްކޮޓްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ކުޅުނު ހަ މެޗުން 13 ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕްގެ ދެވަނާއެކު ޕްލޭއޮފުން ޖާގަ ހޯދީ ކުޅުނު ހަ މެޗުން 11 ޕޮއިންޓު ލިބުނު ޑެންމާކް އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެއެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.



