ގްރޭޓަރ މާލެ ސަރަހައްދުގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތް ފެށުމަށާއި، 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސްކަމެއް ކަމަށާއި، އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުތަކެއް ފަށާނެ ކަމަށެވެ. މީގެ ތެރޭގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ދެން އެމަނިކުފާނު ފާހަގަކުރެއްވި ކަމަކީ، ރަސްމާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ރަސްމާލޭން ބޮޑު ސަރަހައްދެއް ހިއްކައި ނިމޭނެ ކަމަށާއި، އެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ.



