ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ރަސްމިއްޔާތުގައި ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ފަހު އެ އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ޖައްސާނެ އެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ.
ހަނިމާދޫ އެއާޕޯޓަށް ގެނައި ބަދަލުތަކާއެކު މި އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
ރައީސް މުއިއްޒާއި މި ރަސްމިޔާތުގެ މެހެމާނުންނަށް މަރުޚަބާ ކިޔުމަށް ސަޤާފީ ހުށައެޅުމެއް މި ރަސްމިއްޔާތުގެ ތެރެއިން ހުށަހަޅާނެ އެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. މި މަޝްރޫގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލެއް އަދި އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ކާގޯ އިމާރާތަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސްކޮށްފައިވެއެވެ.
އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަޝްރޫ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަމަޖެހުނެވެ.



