އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި ވާދަވެރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ޔުނައިޓެޑަށް ޕްރިމިއަރ ލީގުގެ ދެވަނައަށް އެރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި މ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 32 ވަނަ މިނެޓުގައި ބްރަޔަން އެމްބިއުމޯއެވެ. ނަމަވެސް ދެވަނަ ހާފުގައި ސްޕާސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިއެވެ. ސްޕާސްއިން އެއްވަރުކުރީ 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެތިސް ޓެލް، ޑެސްޓިނީ އުޑޮޖީގެ ހުރަހަކުން ފޮނުވާލި ބޯޅަ ޑި ލިގްޓްގެ ފައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.

މެޗުގެ 91 ވަނަ މިނެޓުގައި ވިލްސަން އޮޑޯބާޓް ބާރަށް ޖެހި ބޯޅައެއް ރިޗާލިސަން ބޮލުން ޖައްސާލައިގެން ފަހުވަގުތު ޓޮޓްނަމް އިން ތިން ޕޮއިންޓް ލިބޭނެކަމަށް އުއްމީދުކުރިނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަހުމިނެޓުގައި ޖެހި ލަނޑާއެކު މެޗު އެއްވަރުވެގެންދިޔައެވެ. މި ލަނޑު ޑި ލިގްޓް ޖެހީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ފަހަތު ޕޯސްޓަށް ވަދެ ބާރަށް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މިމެޗާއެކު ޔުނައިޓެޑް މިވަގުތު އޮތީ 11 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ. އަދި ޓޮޓްނަމް އޮތީ މި އަދަދަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ 4 ވަނައިގައެވެ.



