އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދިވެހި ޕްރިމިއާ ލީގު: އޮޑި ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗު 1-0 އިން މާޒިޔާ ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނެވެ.

އެ ގޮތުން، ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު، އޮޑި އަށް ކުޅޭ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް އާއި އަހުޒަމް ރަޝީދު (އަހު) އާއި މުޒްދާން ހަސަން އަށް ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ ބެލި އެވެ. އެހެން ނަމަވެސް، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިޒް އަލްމައިޑާ އާއި ކީޕަރު ހުސެއިން ޝަރީފް (ކީޕަރު ހުސެން) ވަނީ އޮޑިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތްތައް ހުއްޓުވައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އޮޑި އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި މާޒިޔާ އިން ގިނަ އެޓޭކްތަކެއްކޮށް އޮޑީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ހަމްޕު އާއި ގާނާގެ މިޑްފީލްޑަރު، ރޭގަން އޮބެން ފޮނުވާލި ހަމަލާތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. މީގެ ތެރެއިން ހާފުގެ މެދެއްހާ ހިސާބު އަރިމަތިން އޮބެން ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު މަތަކުރިއިރު، އެ ބޯޅަ ކުޅުމުގެ ތެރެއަށް އައިސް، މާޒިޔާގެ ސްޕެއިން ފޯވާޑް، ސާޖިއޯ މެންޑީ އަށް ލިބުމުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްގެ ތެރެއިން، ހަތަރު ވަނަ މިނިޓްގައި އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި، ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު މަތަކުރި އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، ހަމްޕު އަށް ލިބުނު ފުރުސަތުގައި، އެ ފަހަރު، އޭނާ ވަނީ، ކީޕަރު ޝަފީއު ކައިރިން ނައްޓައިފައި ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. ގޯލު ޖަހަން ހަމްޕު، އެ ބޯޅަ ލިބުމުން ކޮންޓްރޯލް ކުރިއިރު، އޮޑީގެ ކުޅުންތެރިން ތިބީ އޮފްސައިޑް ކަމަށް ބަލައިގެންނެވެ. އެކަމަކު، ރަނގަޅު ތަނުގައި ހުރެ، ލިބުނު ފުރުސަތުގެ ބޭނުންހިފައި ހަމްޕު ވަނީ މާޒިޔާ އަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި އޮޑި އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

މި މޮޅާ އެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް އިތުރަށް ދަންމާލައިފައި މި ވަނީ ހަތް ވަނަ މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.

މިއީ، މި ފަހަރުގެ ލީގުގައި އޮޑި ބަލިވި ފުރަތަމަ މެޗެވެ. މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޮޑިން ލީގުގައި އަންނަނީ ސްޕެއިނުގެ ކޯޗު، އަންދްރޭ ގާސިއާގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން މި ފަހަރުގެ ލީގު ކަޕާއި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް، ލީގުގައި މި އަންނަނީ މޮޅުވުމުގެ ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުންނެވެ.

ގުޅުންހުރި ލިޔުންތައް