ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.
”ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން“ މި ނަމުގައި މިއަދު ދިން ހުކުުރު ހުތުބާގައި ބުނީ ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް ތަފާތެއް ނެތް ކަމަށެވެ.
މިއަދު ގިނަ ބަޔަކު، ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައި ކަމަށާއި ނަމަވެސް ކަން އޮތީ އެހެންނަކުންނޫން ކަމަށާއި އެއްވެސް ޝައްކެތްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށް ކަމަށެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިންސާނާ ޚަލްޤުކުރެއްވީ ގަދަކީރިތިވަންތަ الله سُبْحَانَهُ وَتَعَالَى ކަމަށާއި އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ ކަމަށެވެ.
”ހުރިހައި ތަކެއްޗެއް ހެއްދެވި ރަސްކަލާނގެ (އެ ތަކެތި) ދެނެވޮޑިގެންނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށާއި އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށާއި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށެވެ.
”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
”އަދި ތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ.“ މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް، الله سُبْحَانَهُ وَتَعَالَى ވަނީ ވަޢުދުވެވޮޑިގެންފައި ކަމަށާއި ނަމަވެސް އިސްލާމްދީނާ ދުރުވެ، މާތް ﷲގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށެވެ.



