މިއަދު ހަވާލުކުރި ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ 206 މަޝްރޫއު ހަވާލުކުރީ ގާބިލު ކުންފުނިތަކަކާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 އަމިއްލަ ކުންފުންޏަކާ އެކު ވަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާގެ 31 މަޝްރޫއު އާއި ސިއްހީ ދާއިރާގެ 30 މަޝްރޫއު އާއި ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއު ހިމެނެއެވެ.
މީގެއިތުރުން ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއާއި މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއާއި ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއާއި ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއާއި ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއާއި ޒުވާނުންނާ ގުޅޭ އެއް މަޝްރޫއު ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ.
ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިއީ ކުދި ވިޔަފާރިތައް ކޮޅަށް ޖަހަން ކުރާ މަސައްކަތެއް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.



