ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ: ޣައްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ޣައްސާން ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުލެވި އޮތުމަށްފަހު، އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު މި މަސައްކަތް ފެށިފައިވާކަމެވެ. މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށްޓަކައި އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވަމުން ވަޒީރު ޣައްސާން ވިދާޅުވިއެވެ. ”ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތްރޮނގެއް ދަންމަވާ ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެފަލަ ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.“

މީގެ އިތުރުން، މިވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާކަމަށް ވަޒީރު ޣައްސާން ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުން ފެށިގެން މިއަހަރުގެ ނަޞްރުގެ ދުވަހާއި ހަމައަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއަހަރު ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި އަސްކަރީއްޔާއިން ހޯދާފައިވާ ކުރިއެރުންތަކާއިމެދު ފަޚުރުވެރިވާންޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް