ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ %90އަށްވުރެ ގިނަ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ކޮލަމާފުށީގެ ބިން ހިއްކުމާއި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ. މިހާރު ކުރިއަށްދަނީ ބައުންޑްވޯލް ޖަހާ، ހިއްކާ ސަރަހައްދަށް ވެލި އެޅުމުގެ އެންމެ ފަހުގެ މަސައްކަތެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަމަލީ މަސައްކަތް ރަށުގައި ފަށާފަވަނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ.
އެރަށުން ހިއްކާ ސަރަހައްދުގައި ފެން ބޮޑުވިޔަ ނުދިނުމަށް، ބައޮސްވެލްވްއެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި ހިއްކާ ސަރަހައްދުގައި ބޮޑުހިލަ ޖަހާ ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ.
ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.33 މިލިޔަން ރުފިޔާއަށެވެ.
އާބާދީގައި 1،600 ވަރަށް މީހުން ދިރިއުޅޭ ކޮލަމާފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ.



