ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްބަޕޭ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޒުވާން މިޑްފިލްޑަރު އަޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭއެވެ.

މީގެ އިތުރުން މެޗުގެ 43 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ވިނީސިއަސް ކުރިއަށް ފޮނުވާލިމުން ވެލެންސިއާގެ ކީޕަރު ދިފާއިކުރި ނަމަވެސް ޖެހިގެން އައި މިނެޓުގައި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ގިނަ ބަދަލުތަކެއް ގެނައިރު، އެޓީމުގެ ޒުވާން ހުނަރުވެރި ފޯވާޑް އެންޑްރިކް ވަނީ މެޗުގެ 79 ވަނަ މިނެޓުގައި އެމްބާޕޭގެ ބަދަލުގައި ކުޅެން ނުކުމެފައެވެ. މިއީ މިސީޒަނުގައި ރެއާލްގެ ޖާޒީގައި އެންޑްރިކް ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭގެ ތިން މިނެޓްފަހުން ރެއާލްގެ ޑިފެންޑަރު އަލްވާރޯ ކަރޭރަސް ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއީ މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ކަރޭރަސް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ރެއާލް މެޑްރިޑް އިން ކުޅުނު 11 މެޗުން ހޯދި 30 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު 11 މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.



