ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ކުރެންދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ޅ. އަތޮޅު މަދުރަސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ރަށުގެ ބަނދަރު ހަދާއިރު، ރައްޔިތުން އެދޭގޮތަށް އެކަން ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އެގޮތުން އެމަޝްރޫޢުގައި އެއްގަމު ތޮށި ހިމަނައިދެއްވުމަށާއި، ކުނިއުފުލުމަށް ބޭނުންކުރާނެ ރޭމްޕެއް ހަދައިދިނުމަށްވެސް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމާއި، ހެޔޮއެދޭފަރާތަކުން ހަދިޔާކޮށްފައިވާ، ފިޒިއޯތެރަޕީއަށް ބޭނުންވާ މެޝިންތައް ލިބިފައި ހުރުމުން، އަލަށް އިތުރުކުރެވޭ އިމާރާތާއި އެކު ފިޒިއޯތެރަޕީގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި، ރަށުގެ ބިން ފުރިފައިވާތީ ބިން އިތުރުކޮށްދެއްވުމަށާއި، މިހާރު ހަދަމުންދާ 50 ހައުސިންގ ޔުނިޓްގެ އިތުރަށް އިތުރު ހައުސިންގ ޔުނިޓް ރަށަށް ބޭނުންވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރަށުގެ ނަރުދަމާގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މިހާރު ހަދަމުންދާ 50 ހައުސިންގް ޔުނިޓަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ޖަނަރޭޓަރެއް ހޯއްދަވައިދެއްވުމާއެކު، ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ރަށުގައި ބޭނުންކުރާ އެންމެ ބޮޑު ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށްދެއްވުމާމަށާއި ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް