ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މީގެ އިތުރުން ވެސް މިހާފުގައި އެމްބާޕޭ އިތުރު ދެލަނޑު ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އެ ދެލަނޑު ވެސް އޮފްސައިޑް ކަމަށެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފާމިން ޓޮރޭސް އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ވެސް ރެއާލްގެ އެޓޭކުތައް ފެނިގެންދިޔައީ ވަރަށް ވެސް ނުރައްކާތެރިކޮށެވެ. އެގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް އެޓީމަށް ޕެނަލްޓީ އެއްވެސް ވަނީ ލިބިފައެވެ. ނަމަވެސް އެމްބާޕޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ބާސާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މީގެ އިތުރުން މިހާފުގައި ބާސެލޯނާއަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ކުންޑޭއަށެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރުކޮއްލާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު މެޗުގެ ރެފްރީ ވަނީ އޭނާއަށް ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ރެއާލް މެޑްރިޑަށް 27 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާއަށް ލީގުގައި ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.



