އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އަންހެން ޒުވާން ބީޗް ވޮލީބޯޅަ ޓީމަށް ތާރީޚީ ކާމިޔާބެއް

ބަހުރޭންގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ގައުމީ އަންހެން ބީޗްވޮލީބޯޅަ ޕެއާ، އައިޝަތު ދީމާ ނަދީމް އަދި އަޒްކާ ބިންތު މުހައްމަދު ސިގުދީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައި ދިވެހި ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

ރާއްޖެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ހަ ޓީމު ވާދަކުރި ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. މިގުރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނުނީ ތައިލޭންޑް، އިންޑޮނޭޝިއާ، މޮންގޯލިއާ، ޖޯޑަން އަދި މުބާރާތް ބާއްވާ ގައުމު ބަހުރެއިން އެވެ.

ރާއްޖޭގެ އަޒްކާ އާއި ދީމާގެ ޕެއާ އިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަހުރޭނާއި މޮންގޯލިއާ ބަލިކޮށްފައެވެ. އަދި މިއީ، މިހާތަނަށް އޭޝިއާގެ ލެވަލްގެ ޔޫތު ގޭމްސްއެއްގައި ރާއްޖެ އިން ޓީމު ކުޅިވަރެއްގައި ހޯދި އެންމެ ރަނގަޅު އެއް ނަތީޖާއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޒުވާން ބީޗް ވޮލީބޯޅަ ޓީމު | ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖެ ހިމެނުނު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ތައިލެންޑް ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ތައިލެންޑްގެ ކަމްޕިލާ އާއި ހަންމޮންގެ ޕެއާ އިން ވަނީ ޖުމްލަ 10 ޕޮއިންޓް ހޯދާފައެވެ. އަދި މިގުރޫޕްގެ ދެވަނަ ހޯދި އިންޑޮނޭޝިއާގެ ގްރަހަޔަންތީ އާއި ޔޫއަންދިތާގެ ޕެއާ އިން ވަނީ ގުރޫޕް ސްޓޭކުގައި ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައެވެ.

މި ގުރޫޕްގެ ތިންވަނަ ހޯދި ރާއްޖޭގެ އަޒްކާ އާއި ދީމާގެ ޕެއާގެ އިތުރުން ހަތަރުވަނަ ހޯދި މޮންގޯލިއާގެ ނަރަންބާތަރު ނަންދިން-އާދިން އާއި އެލްބިގަޔާރު ސެލްމޫންގެ ޕެއާ އަދި ފަސް ވަނަ ހޯދި ޖޯޑަންގެ ގަތާބީ އާއި ޝަހާލްތޫގެ ޕެއާއަށް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ޖުމްލަ، ހަތް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ރާއްޖެއަށް ތިންވަނަ ޔަގީންވީ ސެޓުގެ ޖުމްލަ އާއި ޕޮއިންޓްގެ ތަފާތުންނެވެ.

މީގެ އިތުރުން މި ގްރޫޕްގެ ފުލަށް ދިޔައީ، މުބާރާތް ބާއްވާ ބަހުރޭންގެ ލަޔާން މާޖިދާ އާއި މާޔާ ފަލާހާގެ ޕެއާ އެވެ. އެޓީމުން ގުރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ ގުރޫޕްގެ ފުލުގައި އޮވެއެވެ.

ގުޅުންހުރި ލިޔުންތައް