ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު، ރާއްޖެ އަށް މި ވަޑައިގަންނެވީ 19 އަހަރަށް ފަހުއެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާއެވެ.

ފީފާގެ ރައީސް، އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތަކެއް ރޭވިފައިވާއިރު، ސަގާފީ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި، ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އިތުރުން އެކަޑަމީތަކުގެ ކުދިން ވެސް އިންފަންޓީނޯ އަށް މަރުހަބާ ކިއުމުގެ މި އިވެންޓްގައި ބައިވެރިވެ އެވެ.
މި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާ ބައްދަލުކުރާނެ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިންނަވާ ހާއްސަ ފުޓްބޯޅަ މެޗުގައި، ފީފާ ޓީމަށް އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ތަރި، މާކޯ މަޓެރާޒީ ހިމެނެއެވެ.

މީގެ އިތުރުން، މިއަދު ހަވީރު، 16:00-18:00 އަށް ގަލޮޅު ދަނޑުގައި ރައީސް ޑރ. މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ ހާއްސަ މެޗު ކުރިއަށްދާނީ، 500 އަށް ވުރެން ގިނަ ކުދިން ހިމެނޭ، އެކަޑަމީތަކުގެ ކުޑަކުދިން ބައިވެރިވާ ފެސްޓިވަލެއްގެ ތެރެއިންނެވެ.
އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމަށް އިންފަންޓީނޯ ވަނީ ދާދި ފަހުން، ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވައި، ތައުރީފް ކުރައްވައިފައެވެ. ތޯރިގު ވަނީ، އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ.



