ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ޔޫއެފާ ޗެމްޕިއަންސް ލީގު: އާސެނަލް، ބާސެލޯނާ އަދި ޕީއެސްޖީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީ އާއި ބާސެލޯނާ އަދި އާސެނަލް އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އާސެނަލް އަމިއްލަ ދަނޑުގައި ރޭ މޮޅުވީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްއާ ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ގެބްރިއަލް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 64 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އާސެނަލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެން ފޯވާޑް ވިކްޓަ ޔޮކަރޭސްއެވެ.

ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސްގެ މައްޗަށް ރޭ ކުރި ހޯދީ 6-1 އިންނެވެ. މި މެޗުގައި ތިން ގޯލު ކާމިޔާބުކޮށް ބާސާގެ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގައި މާކަސް ރަޝްފޯޑް ދެ ގޯލު ކާމިޔާބުކުރިއިރު، ބާސާގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ލަމީން ޔަމާލް އެވެ.

ބާސެލޯނާ އަދި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ މޮޅުވީ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާން ލެވަކޫސަންގެ މައްޗަށް 7-2 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓްގައި ވިލިއަން ޕަޗޯ ޕީއެސްޖީއަށް ލީޑު ނަގައިދިން އިރު، މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެލެއިކްސް ގާސިއާ ވަނީ ލެވަކޫސަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެސަޔާ ޑޫއޭ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކިވިޗާ ކްވަރަސްކޭލިއާ އެވެ.

ޕީއެސްޖީ އަދި ބަޔާން ލެވަކޫސަންބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ޕީއެސްޖީން އިތުރު ތިން ގޯލު ކާމިޔާބުކުރިއިރު، މި ގޯލުތައް ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭސް އާއި އޮސްމާނޭ ޑެމްބެލޭގެ އިތުރުން ވިޓީނިއާ އެވެ. މި މެޗުގައި ލެވަކޫސަން އިން ކާމިޔާބުކުރި ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ގާސިއާ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީން ވަނީ 2-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން 3-0 އިން ބެންފީކާގެ މައްޗަށް ކުރި ހޯދިއިރު، ޕީއެސްވީން ވަނީ އިޓަލީގެ ނަޕޯލީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް