ޖަޕާނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވި ފުރަތަމަ އަންހެން ކަމަނާ، ސަނައެ ތަކައިޗީ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
މިކަމާގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަނައެ ތަކައިޗީގެ ތަޖުރިބާއާއެކު ޖަޕާނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްުހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ އާ ލީޑަރުކަމަށް ވަނީ ހޮވާފައެވެ. އެއާއެކު ބޮޑުވަޒީރުކަމަށް އޭނާ އައްޔަނުކުރީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުންނެވެ.
އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވަނިކޮށެވެ. ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ.



