ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ޖިރޯނާއި ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ، ވަގުތީ ގޮތުން ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޑްރީ އެވެ. މިއީ އެޓީމު ހުނަރުވެރި ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ގިރޯނާގެ މިޑްފީލްޑަރު އެކްސެލް ވިޓްސެލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑަށްފަހު ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ޖިރޯނާގެ ފަރާތުން ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އިތުރު ވަގުތުގެ ފުރަތަަމަ މިނެޓުގައި ދެއްކި ދެ ރީނދޫކާޑާއެކު ރަތް ކާޑެއް ދައްކައި ބާސެލޯނާގެ ކޯޗް ހެންސީ ފިލިކްސް ވަނީ ބެންޗުން ފޮނުވާލާފައެވެ.

ނަމަވެސް އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ބާސެލޯނާއަށް 22 ޕޮއިންޓް ލިބިފައިވާއިރު، އިތުރަށް އެއްމެޗު ކުޅެ އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.



