ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ހާލަންޑްގެ ދެލަނޑާއެކު މެންޗެސްޓާ ސިޓީން އެވަޓަން ބަލިކޮށްފި

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން އެވަޓަން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެރްލިންގް ހާލަންޑް އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދިފައެވެ.

ފޯވާޑް އެރްލިންގް ހާލަންޑް

މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައި ހާލަންޑް 12 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ކުލަބަށާއި ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 11 މެޗުގައި ހާލަންޑް ވަނީ 22 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ވެސް މިހާފުގައި ސިޓި އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓިމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން މެންޗެސްޓާ ސިޓީއަށް 16 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް