އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ކައުންސިލު އިންތިހާބަށް އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކުރިން އާންމުކުރަން ޖެހޭ ރަށްތަކާއި ސިޓީތަކުގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ މައުލޫމާތު އާންމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ އިންތިހާބުތައް ބޭއްވުމުގެ ވަކި މުއްދަތެއްގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ރަށްތަކާއި ސިޓީތަކުގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ މައުލޫމާތު އާންމުކުރަން ޖެހެއެވެ.

އެ ގާނޫނުގެ ދަށުން އީސީން ވަނީ، މިދިޔަ މަހުގެ 30 ގެ ނިޔަލަށް ރަށްތަކާއި، ސިޓީތަކުގެ ޖުމުލަ އާބާދީގެ މައުލޫމާތު އިއްޔެ އާންމުކޮށްފައެވެ.

އީސީން ބުނީ ލޯކަލް ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމުގައި ބަލާނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތަށް ކަމަށެވެ.

އެ އިންތިހާބުގެ ކުރިން ސަރުކާރުން ވަނީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފައެވެ. އެއީ އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކުގެ އަދަދުތަކުގެ ސައިޒުތައް ކުޑަކުރުމަށް ގެންނަ އިސްލާހެކެވެ. ނަމަވެސް އެ އިސްލާހާއެކު ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުވާނީ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ކައުންސިލުތައް ކަމަށް ސަރުކާރުން ބުނެއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީ ކައުންސިލު އެކުލެވިގެންވާ ގޮތް ބަދަލުކުރަން ފެެނޭތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަން ވެސް ވަނީ ނިންމައިފައެވެ. މިމަހުގެ 25 ގައި ނަގާ އެ ވޯޓަކީ، ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ވަކިވަކި ކައުންސިލުތައް އުފައްދަން ފެނޭތޯ ނަގާ ވޯޓެކެވެ.

އީސީން އިއްޔެ އާންމުކޮށްފައިވާ އާބާދީގެ މައުލޫމާތުތަކުން ދައްކާގޮތުގައި މާލޭ ސިޓީގައި 83،813 މީހުން، އައްޑޫ ސިޓީގައި 35،549 މީހުން، ކުޅުދުއްފުށީ ސިޓީގައި 11،110 މީހުން އަދި ތިނަދޫ ސިޓީގައި 10،453 މީހުން ވަނީ ރަޖިސްޓާކޮށްފައެވެ.

އެ މައުލޫމާތުގައިވާ ގޮތުން އެހެނިހެން ރަށްރަށުގެ ތެރެއިން ރަޖިސްޓަރީގައި އެންމެ ބޮޑު އާބާދީއެއް ހިމެނެނީ ޅ. ނައިފަރު، ލ. ގަން، ޅ. ހިންނަވަރު އަދި ރ. ދުވާފަރުގައެވެ. އެއީ ނައިފަރުގައި 5،878 މީހުން، ލ. ގަމުގައި 5،523 މީހުން، ހިންނަވަރުގައި 5،092 މީހުން އަދި ދުވާފަރުގައި 5،037 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް