އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ދަތުރުކުރި ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި ތިން މީހަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ބަންލަދޭޝް އަދި އިންޑިއާ ރައްޔިތެކެވެ.
ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެކެވެ. މި އުޅަނދުން 7 މީހަކު ދަތުރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ޕޮލިސް އަދި ކޯސްޓްގާޑުގެ އެހީއާއެކު ސަލާމަތް ކުރެވިފައިވާ ކަމަށާއި އަދި އެ އުޅަނދުން ދަތުރުކުރި ތިން މީހުން އަދި ނުފެންނަ ކަމަށެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާ ކަމަށާއި އަދި ސަލާމަތް ކުރެވުނު މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ އުޅަނދު ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ އެ އުޅަނދުގައި އޮތް އެކްސްކޮރިއޭޓާއެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



