ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ފޯކައިދޫގެ ތަރައްޤީއާއިގުޅޭ ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވައިފި

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢުތައް އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ށ. ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، ރަށުގެ ތަރައްޤީއަށް ކުރައްވާނޭކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމާ ގުޅުންހުރި ބައެއް މަޝްރޫޢުތައް ރޭވިފައިވާ ގޮތް އިޢުލާންކުރައްވައި، އޭގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، މި ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ، ފޯކައިދޫގެ ބޮޑެތި މަގުތައް ހެދުމަށް އިސްކަން ދީގެން މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފޯކައިދޫ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ދާދި އަވަހަށް ރަށުގައި ޤާއިމުވެ ހުންނާނޭ ފިޒީޝަނެއް ހަމަޖައްސަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވައި، އަންނަ އަހަރު، ޞިއްޙީ މަރުކަޒުގެ ބިނާރު ތަރައްޤީކުރުމުގެ މަސަކަތްތައް ކުރިއަށްގެންދަވާނޭކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ށ. ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަންޖެހޭ ވަސީލަތްތައް ޤާއިކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ދަނޑެއް އެރަށުގައި ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަންވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. އަދި އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއްވެސް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2024 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ފޯކައިދޫގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުންވެސް ބައެއް މަސައްކަތްތައް މިހާރު ވަނީ ފައްޓަވާފައެވެ. އެގޮތުން، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ، ފޯކައިދޫގައި އިމާރާތްކުރާ، ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މީގެއިތުރުން، ރަށު ރައްޔިތުންނާއި ފަތުރުވެރިންގެ ބޭނުމަށް، މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކުރައްވާފައިވާކަމަށާއި، އެ މަސައްކަތާ އެކުއެކީ، ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އެ ރަށުގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ޢަމަކީ މަސައްކަތްވެސް ފައްޓަވާފައެވެ.

ގުޅުންހުރި ލިޔުންތައް