ހަނގުރާމަ ހުއްޓާލުމަށް އިސްރާއިލާއި ހަމާސް އިން އެއްބަސްވެފައިވާ ގޮތަށް ޣައްޒާގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަންކޮށްފިއެވެ.
މިއަދު ފުރަތަމަ ހަމާސް އިން ވަނީ ހަތް ރަހީނަކު ރެޑްކްރޮސެންޓާއި ހަވާލުކޮށްފައެވެ. ރެޑްކްރޮސެންޓުން ވަނީ މިހާރު އެ ހަތް މީހުން އިސްރާއީލާއި ހަވާލުކޮށްފައެވެ. ރަހީނުންގެ ދެވަނަ ގްރޫޕް އިސްރާއީލަށް ގެންދިއުމަށް ރެޑްކްރޮސެންޓްގެ ވެހިކަލްތައް ޣައްޒާގެ ހާންޔޫނިސް ސަރަހައްދަށް ގޮސް އެރަހީނުންނާއި ވެސް ހަވާލުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.
އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން މިއަދު އިސްރާއީލްގެ ޖަލުތަކުން ފަލަސްތީންގެ 250 ގައިދީން ވެސް މިނިވަން ކުރާނެއެވެ. އޭގެތެރެއިން 108 މީހަކު ޖަލުން ދޫކޮށްލާ ފަލަސްތީންގެ ހުޅަނގު އައްސޭރިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދެއެވެ.
އިސްރާއީލްގެ މީޑިއާއިން ފުރަތަމަ މިނިވަންކުރެވުނު ހަތް ރަހީނުން ކަމުގައި ބުނެފައި ވަނީ މަތަން އެންގްރެސްޓް، އެއްބަނޑު އެއްބަފާ ދެ ކުދިން ކަމުގައިވާ ގަލީ އަދި ޒިވް ބަރމަން، އަލޮން އޮހެލް، އީތަން މޯރް، އޮމްރީ މިރަން، އަދި ގައި ގިލްބޯއާ-ދަލާލްއެވެ. މި ގްރޫޕް މިހާރު ވަނީ އިސްރާއީލްގެ ސަރަހައްދުގައެވެ. އިސްރާއީލްގެ ދެކުނުގައިވާ ރެއިމް މިލިޓަރީ ބޭސްގައި އެމީހުންގެ އާއިލާތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އަލްޖަޒީރާ އިން ބުނެއެވެ.
އޮހެލްގެ މައިންބަފައިން ދަ ޓައިމްސް އޮފް އިސްރާއީލަށް ބުނެފައިވަނީ އެމީހުންގެ ދަރިފުޅު ”ވަރަށް ރަނގަޅު“ ކަމަށާއި ދަރިފުޅަށް ”އަމިއްލައަށް ކޮޅަށް ހުރެވޭ“ ކަމަށެވެ. މޯރްގެ މަންމަ ޔްނެޓް ނިއުސްއަށް ބުނެފައިވަނީ އޭނާގެ ދަރިފުޅު ”ރީތިކޮށް ހުރި ނަމަވެސް، ހުރީ ހިކިފައި“ ކަމަށެވެ.
ޣައްޒާގައި އަދިވެސް އިސްރާއީލްގެ 28 ރަހީނެއްގެ ހަށިގަނޑު ވެއްޖެއެވެ. އެއީ ރަހީނުކޮށްފައި ތިއްބާ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވެފައިވާ މީހުންނެވެ. މިއަދު އެ ހަށިގަނޑުތަކުގެ ތެރެއިން އިސްރާއީލާއި ހަވާލުކުރެވޭނީ ކިތައް ހަށިގަނޑުކަން އަދި ސާފެއް ނޫނެވެ. އިސްރާއީލްގެ އޮތޯރިޓީތަކަށާއި، އެމެރިކާގެ ފަރާތްތަކަށާއި، މެދުވެރިން ވެސް ކުރިން ބުނެފައި ވަނީ އެ ހުރިހާ ހަށިގަނޑެއް މިއަދު އަނބުރާ ލިބުމުގެ ފުރުސަތު ވަރަށް ކުޑަކަމެވެ. އެއީ ޣައްޒާގައި އިސްރާއީލް ސިފައިން އަދިވެސް ތިބުމާއި، އިސްރާއީލު ސިފައިން އެ ސަރަހައްދުތައް ސުންނާފަތިކޮށްފައި ވުމުންނެވެ. ހަށިގަނޑުތައް ހޯދުމާއި، އެ ހަށިގަނޑުތައް ހުރިތަން އެނގުމާއި، އެ ތަންތަން ދެނެގަތުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި އަދި މިކަމަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ބޭނުންވެދާނެ ކަމަށް ވެސް އަލްޖަޒީރާއިން ބުނެއެވެ.
މިއަދު މެދުއިރުމައްޗަށް ފެއްޓެވި ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ އިރުކޮޅެއް ކުރިން އިސްރާއީލަށް ވަޑައިގެންފައެވެ.
އެއާފޯސް ވަންގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަމާސްއިން ޣައްޒާގައި ”އަލުން ހަތިޔާރު އެއްކުރުމުގެ“ މަސައްކަތް ކުރަމުންދާކަން އެމެރިކާއަށް އެނގޭ ކަމަށާއި، ”ވަކި މުއްދަތަކަށް“ އެކަމަށް އެމެރިކާއިން ހުއްދަ ދީފައިވާ ކަމަށެވެ. އެއަރ ފޯސް ވަންގައި އިސްރާއީލަށް ދަތުރުކުރަމުން ދަނިކޮށް، ހަމާސްއިން ”އަލުން ހަތިޔާރު އެއްކުރުމުގެ“ މަސައްކަތް ކުރަމުންދާ ކަމަށާއި ހަމާސްއިން ފަލަސްތީނުގެ ފުލުހުންގެ ގޮތުގައި މަސައްކަތްކުރަމުންދާ ކަމުގެ ރިޕޯޓުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ވިދާޅުވީ އެތައް މަހެއް ވަންދެން ހިނގި ހަނގުރާމައަށްފަހު އަލުން އަމާންކަން ގާއިމުކުރުމަށް ހަމާސްއިން މަސައްކަތްކުރަމުންދާ ކަމަށެވެ.
”އެމީހުން އެކަން ހާމަކޮށްފައިވަނީ އަދި އަޅުގަނޑުމެން ވަކި މުއްދަތަކަށް އެކަމަށް ހުއްދަ ދީފައިވަނީ،. އެންމެނަށް ވެސް އެނގެން ޖެހޭނެ އެމީހުންގެ 60،000 މީހުން ގެއްލިފައިވާނެ. އެއީ ވަރަށް ބޮޑު އަދަދެއް،“ ޓްރަމްޕް ވިދާޅުވިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، އިސްރާއީލްގެ ހަމަލާތަކުގައި 67،000 އަށްވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 20،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އަނބުރާ ގެދޮރަށް އަންނަ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އަލުން ޣައްޒާ އާރާސްތުކުރެވޭނެކަން ކަށަވަރުކުރަން ބޭނުންވާ ކަމަށް ޓްރަމްޕް މިއަދު ވިދާޅުވިއެވެ. އަދި ޣައްޒާއަކީ ”އެއްކޮށް ވީރާނާވެފައިވާ“ ތަނެއް ކަމަށާއި މީހުން އަނބުރާ އަންނަމުންދާއިރު ”ވަރަށް ގިނަ ނުރަނގަޅު ކަންތައްތައް ހިނގައިދާނެ“ ކަމަށް ވިދާޅުވިއެވެ.



