ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ތަޢުލީމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ޕްރިންސިޕަލުންގެ ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ކުރިއަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ 11ން 12އަށް ކްރޮސްރޯޑްގައެވެ.

ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގެ ތެރެއިން 210 ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ނިންމާލުމަށްފަހު، އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، ދަރިވަރުންނަށް އަމާޒުކޮށްގެން ސިޔާސަތުތައް އެކުލަވާލުމާއި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މުހިންމު ހުށަހެޅުންތަކެއް ސްކޫލްތަކުން އެ ކޮންފަރެންސަށް ހުށައަޅާފައިވާ ކަމަށެވެ.

އެ ކޮންފަރެންސްގައި ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގެންނެވީ، އިޞްލާޙު ކުރެވިފައިވާ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސްކޫލުގެ ލީޑަރޝިޕާއި ސްކޫލުތަކުގެ ހިންގުން ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މާނަހުރި މަޝްވަރާތަކެއްގައިކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ކޮންފަރެންސަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ސްކޫލަކުން ވެސް މުދައްރިސުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެ ސްކޫލަކުން ފާހަގަކުރާ ކަންތައްތަކެއް ހުށައެޅުންތަކެއްގެ ގޮތުގައި ހުށައަޅާފައިވެއެވެ. މިއީ ހުރިހާ ކަމަކަށް ބަލާއިރު، މި އަހަރުގެ ކޮންފަރެންސަކީ މުދައްރިސުންގެ ބައިވެރިވުމާއެކު މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ކޮންފަރެންސް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ރަނގަޅު ޓީޗަރުން ހޯދުމަށް ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ތައުލީމީ ދާއިރާ އަށް އިންޤިލާބީ ބަދަލެއް ގެނެވޭނެ ކަމަށެވެ.



