ހުޅުމާލެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ކަށީގެ ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރި އާތުރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާ އެކު ހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ނީ ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ ކަމަށެވެ.
ސީއީއޯ ހަލީމް ވަނީ މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި މުޅި ޓީމަށް ހޫނު މަރުޙަބާ އާއި ތަހުނިޔާ ދަންނަވައިފައެވެ.
އޭނާ ވިދާޅުވީ މި ހޯދި ކާމިޔާބީ އަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިތިބޭނެކަމުގެ ޔަޤީންކޮށް އަރުވާ ކަމަށެވެ.
އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީ ހަދަނީ ހަލާކުވެފައިވާ ޓެންޑަން ރިޕެއާ ކުރުމަށް, ކުޑަ ލޯވަޅެއް ތޮރުފައިގެން އެ ލޯވަޅުން ކުޑަ ހޮޅިއެއް ވައްދައި ހޮޅީގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެހެނިހެން އާލާތްތަައް ފޮނުވައިގެން އެ އާލާތްތައް ބޭނުންކޮށްގެންނެވެ. އާ ޓެކްނޮލޮޖީގެ އެހީގައި ހަދާ ކީހޯލް ސާޖަރީގެ ސަބަބުން ބަލި މީހާއަށް ލިބޭ ވޭން ކުޑަވެ ރިކަވަރީ އަވަސްވާނެ އެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ ލަކުނު ކުޑަވާނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ދާދި ފަހުން ވަނީ އެންޑޯސްކޮޕިކް ސަޕައިން ސާޖަރީ ނުވަތަ މައިބަދައަށް ކެމެރާ ލައްވައިގެން ހަދާ ސާޖަރީއެއް ފުރަތަމަ ފަހަރަށް ހަދައިފަ އެވެ. އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓުމެންޓުން ހެދި މި ސާޖަރަީއަކީ މައިބަދައިގެ ޑިސްކް ސްލިޕުވުމާއި، ނާރު ފިތުމާއި އެނޫންވެސް އެކި މައްސަލަތަކާ ހުރެ ބުރަކަށީގައި ރިއްސާ ރިހުންތަކަށް ފަރުވާދިނުމަށް ހަދާ ސާޖަރީއެކެވެ.