ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއް އަދި ޤައުމީ ސިޔާސަތުގައި އިސްކަން ދޭންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ވޯލްޑް މެންޓަލް ހެލްތް ޑޭއާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއް ކަމަށެވެ. ”އަޅުގަނޑުމެން ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއް އަދި ޤައުމީ ސިޔާސަތުގައި އިސްކަން ދޭންޖެހޭ ކަމެއް. ޚާއްޞަކޮށް ކުއްލި ޙާލަތްތަކުގައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން ޖެހޭ. މިއަހަރުގެ ޝިއާރު ކަމުގައިވާ ”އިންސާނީ ކުއްލި ޙާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން“ އިން ގޮވާލަނީ ކުއްލި ހާލަތްތަކުގައި ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް، ނަފްސާނީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވެފައިވާކަން.“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މޫސުމީ، ޞިއްޙީ، އަދި އިންސާނީ ކުއްލި ޙާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން ލިބޭނެކަން ކަށަވަރު ކުރުމަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމަށް އަޒުމް ކަނޑައަޅާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެއް މަޤުޞަދަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކައި، ދުނިޔޭގެ އެންމެންނަށް ނަފްސާނީ ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުން ކަމަށް އދ.އިން ބުނެއެވެ.
ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ތަފާސްހިސާބުތައް ލިބޭކަށް ނުހުރެއެވެ. ނަމަވެސް 2022 ވަނަ އަހަރު ހެދި ސަރވޭއަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ 5 މީހަކުން 1 މީހަކު ނަފްސާނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށްވެފައިވެއެވެ. އަދި 2022 ވަނަ އަހަރު އައިސީޕީގެ ޗެއަރޕަރސަން ދެއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި ކޮންމެ 4 ދިވެއްސަކުން 1 ދިވެއްސަކު ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކަމަށާއި، ކޮވިޑް-19 އަށްފަހު މިފަދަ މައްސަލަތައް އިތުރުވެފައިވެއެވެ.