މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފް އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ރީޝަމް އައްޔަންކުރައްވާފައިވަނީ، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެމަގާމަށްކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިންގެ އަޑު މިފްކޯގެ ބޯޑުގައި އިއްވާނެ ފަރާތެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނުއްވި މުހިއްމު ވަޢުދެކެވެ. މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ.
އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދިޔަ މިފްކޯ، %100 ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އަދި މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް މިނިވަން މުސްތަގިއްލު ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.