ދުވަސް ނުފުރާ ވިހާ ކުދިންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އަލަށް ރެޓިނާ ލޭޒާ ޓްރީޓްމަންޓް ދޭން ފަށައިފިއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤް ހަލީމް މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މި ހިދުމަތް މިހާރު އައިޖީއެމްއެޗްގައި ފަށާފައިވާކަން ހާމަކުރައްވާފައެވެ.
”މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްސަ ފަރުވާއެއް“ ފޭސްބުކްގައި ލިޔުއްވި ޕޯސްޓުގައި ހަލީމް ވިދާޅުވެފައިވެއެވެ.
ހަލީމް ވިދާޅުވީ މި ޚިދުމަތް ރާއްޖޭން ލިބެން ފެށުމާއެކު އެ ފަރުވާ ބޭނުންވާ ކުދިންނަށް އެއްވެސް ހުރަހެއް ނެތި ރާއްޖެއިން މި ފަރުވާ ލިބޭނެ ކަމަށެވެ.
ތުއްތު ކުދިންނަށް ރެޓިނާ ލޭޒަރ ފަރުވާ ބޭނުންކުރަނީ ރެޓިނޯޕެތީ އޮފް ޕްރީމެޗުރިޓީއަށް ފަރުވާ ދިނުމަށެވެ.
އެގޮތުން މި ފަރުވާގައި ޕެރިފެރަލް ރެޓިނާއަށް ޓާގެޓްކޮށް ލޭޒާ ޖަހައި، އާންމުކޮށް ނުހުންނަ ލޭހޮޅިތައް ކުޑަކޮށް، އިތުރަށް އުފެދުން ހުއްޓުވައެވެ. އަދި ސްކާރިން އާއި ރެޓިނަލް ޑިޓާޗްމަންޓް ހުއްޓުވުމަށް މިނިމަމް، މިނިމަލީ އިންވޭސިވް ޕްރޮސީޖާއެއް ކުރިއަށް ގެންދެއެވެ.