ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 90 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން 57،318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.
މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 30،125 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 27،193 މެޓްރިކް ޓަނު އިތުރުވުމެކެވެ.
މަހުގެ އެކްސްޕޯޓް ޖެނުއަރީ 2025 އިން އޮގަސްޓް 2025 އަށް
ޖެނުއަރީ – 5،710 މެޓްރިކް ޓަނު
ފެބްރުއަރީ – 8،511 މެޓްރިކް ޓަނު
މާޗް – 7،376 މެޓްރިކް ޓަނު
އެޕްރީލް – 9،701 މެޓްރިކް ޓަނު
މޭ – 7،470 މެޓްރިކް ޓަނު
ޖޫން – 5،995 މެޓްރިކް ޓަނު
ޖުލައި – 7،887 މެޓްރިކް ޓަނު
އޮގަސްޓް – 4،664 މެޓްރިކް ޓަނު
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.
އެ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 45،413 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 18،346 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 6،105 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 4،081 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއެވެ.