ސްޕެނިޝް ލަލީގައި ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ލީގު ތާވަލު އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސެވިއްޔާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއެވެ.

ސެވިއްޔާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ފޯވާޑް އިސާކް ރޮމޭރޯ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާއަށް ފަރަގު ކުޑަކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބާސެލޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލެވަންޑޮސްކީ ކުރިއަށް ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މިއާއެކު ސެވިއްޔާއަށް އިތުރު ހިތްވަރެއް ލިބި ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ޑިފެންޑަރު ހޯސޭ އެންހަލް ކަރަމޯނާ ކާމިޔާބުކުރިއިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަކޯ އެޑަމްސް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ސެވިއްޔާއަށް 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު އަށް މެޗުން އެޓީމަށް 19 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު ބާސެލޯނާ އޮތީ ތާވަލުގެ ދެވަނައިގައެވެ.



