ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަން މިމަހު 10 ވަނަ ދުވަހު ހުޅުވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ނިންމައިފިއެވެ.
މި އާޓް އެގްޒިބިޝަންގެ ނަމަކީ ”ލެބިރިންތް“އެވެ. މި މަހުގެ 10 އިން 15 އަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ އެފަރާތްތަކަށް ލިބިގެންދާނެއެވެ.
މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އެ ވުޒާރާގެ ފަރާތުން ވަނީ ”ޝޭޑްސް އޮފް މައިންޑް“ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ.
ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފައެވެ.
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.



