އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި، ހަލަބޮލިކުރުމަށް ހިންގި ނިރުބަވެރި ހަރަކާތެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައްޔިތުންގެ ބާރާއި، ޚިޔާލުފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއް ކަމަށެވެ.
އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރެއް ވެސް ހިމެނެއެވެ. އެއީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހިމެނެއެވެ.