ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ދޮގު ފަތުރާ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ޖެހޭ

ކުރީގެ ރައީސުންގެ ތެރެއިން ދޮގުތައް ފަތުރާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ ”ލޫޓުވައިފި“ މުޒާހަރާއާ ގުޅިގެން ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ ރޭގެ މުޒާހަރާގެ ކަންކަން ފުލުހުން ބެލެހެއްޓީ ވަރަށް ޕްރޮފެޝަނަލްކަމާއެކު ކަމަށާއި ކުރީގެ ރައީސުން ވެސް މިފަދަ ވާހަކަތައް ދައްކަވާއިރު ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ނުފަތުރައި ޒިންމާދާރުވާންޖެހޭ ކަމަށެވެ.

އަދި މިފަދަ ދޮގުތައް ތަކުރާރު ކުރައްވާ، ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ މުސާރަ އާއި، އޮފީސް ހިންގުމާއި ހަށިފާރައިގެ އިނާޔަތް ކަނޑާލަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ”މިއީ ސީދާ ބޮޑެތި އިތުރުފުޅު. ޕޮލިހުންގެ އަގުވެއްޓޭ ގޮތަށް ކުރީގެ ރައީސުން މިގޮތަށް ވާހަކަފުޅު ނުދެއްކެވުން މުޙިއްމު،“ ސައީދު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް