ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ރައީސް

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަތުން | ފޮޓޯ: ރައީސް އޮފީސް

ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ޚުދު އެމަނިކުފާނުވެސް އެންމެ ޝައުޤުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކުޅިވަރުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ވެސް އެހީތެރިކަން ސަރުކާރުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކައްތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތާއި ބިނާރު ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަތުން | ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ސައުތު އޭޝިއަން ސުޕަރ ކަޕް 2025، ކާމިޔާބުކުރިކަން ފާހަގަކުރައްވައި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސުލްޖުމުހޫރިއްޔާ ވަނީ، ޤައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވައި، އަބަދުވެސް ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތާރިޤް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް