ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށް ފަހު ޗުއްޓީގައެވެ. މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުގައި ދައުރުން ބޭރުން ވަނީ 4 ޖަލްސާއެއް ބާއްވާފައެވެ. އޭގެ ތެރެއިން ދެ ޖަލްސާއެއް މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިރު މިމަހުގެ 16 ވަނަ ދުވަހުވެސް ޖަލްސާއެއް ބޭއްވި އެވެ. އަދި މިދިޔަ މަހުގެ 27 ގައިވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައިވެއެވެ.
މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާތަކުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނާއި، ގައުމީ މުހިއްމު މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދުމުގެ ގާނޫނު ފާސްކޮށްފައިވެއެވެ. އަދި އެކި މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގެ މަސައްކަތްވެސް މި ޖަލްސާތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގައި ގިނަ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މީގެ ތެރެއިން ފަހު ދައުރުގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ މަސައްކަތެވެ. މި މަސައްކަތަކީ ކޮންމެ އަހަރެއްގެވެސް ފަހު ދައުރުގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެވެ.
މީގެ އިތުރުން މަޖިލީހުގައި މިވަގުތު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓްރޭޑްމާކް ބިލު، އަދި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޒަކާތުގެ ގާނޫނެއް އެކުލަވާލުމުގެ ބިލެއް އެބަ އޮތެވެ. މި ބިލުތަކުގެ މަސައްކަތްތައްވެސް ފަހު ދައުރުގައި ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ.



