އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަށްފަހު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެންޓްފޯޑުން ލީގު ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-3 ގެނަތީޖާއަކުން ކާމިޔާބުކުރީ ބްރެންޓްފޯޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބްރައިޓަން އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އަދި އެޓީމުގެ މިދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯއެވެ.
ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު އޭގެ ހަމިނެޓު ފަހުން ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު ސްލޮވޭނިއާގެ ފޯވާޑް ބެންޖަމިން ސެސްކޯއެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މިހާފުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކުރިއަށް ފޮނުވާލި ޕެނަލްޓީ ބްރެންޓްފޯޑް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ލީޑު ފުޅާކޮށް ބްރެންޓްފޯޑް ވަނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެނސެންއެވެ. މިއާއިއެކު މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް މޮޅުވެގެންނެވެ.
މިނަތީޖާއެކު ލިގުގައި ކުޅުނު ހަ މެޗުން ބްރެންޓްފޯޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު ހަ މެޗުން އެޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.



