ކުލަބު މޯލްޑިވްސް 2025 ގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ރޭ ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ އެމްޕީއެލް އަތުން 4-2 ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ ފަހަރަށް އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު، ފައިނަލް މެޗުގައި ދެ ޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅުނީ ދިވެހި ސިފައިންގެ ކުލަބުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެހެން ނަމަވެސް އެމްޕީއެލްގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ދިވެހި ސިފައިންގެ ކުލަބުގެ ދިފާއު ފޫއަޅުވާލުމަށްފަހު ދެ ލަނޑު ކާމިޔާބުކޮށް، ކްލީން ޝީޓަކާއެކު މުބާރާތް ނިންމުމަށް ދިވެހިންގެ ސިފައިންގެ ކުލަބުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.
ދިވެހި ސިފައިންގެ ކުލަބުން ފައިނަލާއި ހަމައަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ދިވެހި ސިފައިންގެ ޓީމުން މި މުބާރާތް ކާމިޔާބުކުރިއިރު، ދިވެހި ސިފައިންގެ ކުލަބުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެމްޕީއެލްއެވެ. އަދި ކުއީން އޮފް އެއިޓީން ތާޓީގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ މައީޝާ އަބްދުލް ހަންނާނެވެ.
ކުއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ޒަހުރާއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެެރިޔާގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ރިފާއެވެ. އޭނާ ވަނީ މި މުބާރާތުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ. މާސްޓަރ އޮފް ދަ އެއިޓީން ތާޓީގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު އަލީ އިބްރާހީމެވެ.
18/30 ގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިވެހި ސިފައިންގެ ކުލަބުގެ މަރިޔަމް ރިފާ، ޒަހުރާ، މައިޝާ އަބްދުލް ހަންނާންގެ އިތުރުން އެމްޕީއެލްގެ ފާތިމަތު އިނާޝާ އާއި ފަރަހް އަޙްމަދެވެ.



