ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’އިސްލާމިކް ލީޑާޝިޕް‘ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
މި ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ދެ ދުވަހުގެ ވޯކްޝޮޕެކެވެ.

އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މަޢުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ވޯކްޝޮޕުގައި އަލިއަޅުވާލެވޭ މަޢުޟޫތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން، އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަޝިޕް ހިމެނެއެވެ.

މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.



