ވ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބެ ޚިދުމަތްދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތް ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުވެގެން މި ދިޔައީ ރަކީދޫގައި މިއަދު ހުޅުވި ޕޮލިސް ޑެސްކުގެ ޚިދުމަތް ފެށުމާ އެކުގައެވެ. ރަކީދޫ ޕޮލިސް ޑެސްކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ރަކީދޫ ކައުންސިލު ރައީސް ޢަބްދުﷲ ރަޝީދުއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ރަކީދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެެލެއްވިއެވެ.
ރަކީދޫގައި މިއަދު ހުޅުވި ޕޮލިސް ޑެސްކާއެކު، ރައްޔިތުންނާ ގުޅިގެން އަދި ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތް އިތުރު ހަރުފަތަކާ ހަމައަށް ވާސިލުވެ، ގާނޫނު ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފެލިދޫ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.