ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އިން އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެންޗެންސްޓާ ސިޓީ އިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ނަޕޯލީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ނަޕޯލީގެ ޑިފެންޑަރު ޖިއޮވާނީ ޑި ލޮރެންޒޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބަކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ނަމަވެސް މިހާފުގައި ނަޕޯލީ އިން ވަނީ ސިޓީގެ އެޓޭކުތައް ހުއްޓުވުމުގައި ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރިގަދަކުރިއިރު، އެޓީމުން މެޗުގެ ލިޑުހޯދި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. މިއީ ޗެންޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 49 މެޗުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.

ސިޓީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އެވެ.
ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ ރަށުން ބޭރުގައި ކުޅެންޖެހޭ މެޗެކެވެ. އޮކްޓޯބަރު ދެވަނަ ދުވަހު ރަށުން ބޭރުގައި ސިޓީ އިން ފުރާންސްގެ މޮނާކޯއާއި ދެކޮޅަށް ނުކުންނައިރު، ހަމައެދުވަހު އަމިއްލަ ދަނޑުގައި ނަޕޯލީ އިން ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިންގް ލިޒްބަންއާއި ދެކޮޅަށެވެ.