ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގު: ޗެލްސީ ބަލިކޮށް ބަޔާން މިޔުނިކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޗެންޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖަރުމަނުގެ ޗެންޕިއަން ބަޔާން މިޔުނިކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިސީޒަނުގައި ބަޔާން މިޔުނިކް ކުޅުނު ފަސް މެޗުން ވެސް އެޓީމު މޮޅުވެފައިވާއިރު، ޗެލްސީ އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.

ޗެންޕިއަންސް ލީގުގައި ބަޔާން މިޔުނިކު އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިޔުނިކުންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ޗަލަބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ހަތް މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.

ނަމަވެސް އޭގެ ދެމިނެޓްފަހުން ޗެލްސީ އިން ވަނި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.

ޗެންޕިއަންސް ލީގުގައި ބަޔާން މިޔުނިކު އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ޗެލްސީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ.

މީގެ އިތުރުން މެޗުގެ 89 ވަނަ މިނެޓުގައި ޗެލްސީގެ ޕާމާ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ،އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތިޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް