ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ | ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކުރައްވާފައެވެ. މި ލައިސެންސިންގ ސޮފްޓްވެއަރ، އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އެކަމަނާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ | ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅޭގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު“ މިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ ނާޡިމް ގެ އިތުރުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް