ދިވެހިވަންތަކަމުގައި ހުރި ރިވެތި ސިފަތަކާއި ސަގާފަތް ދަރީންނަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ހުލްގު ހެޔޮ ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙުމަތްތެރި ބައެއްކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ގައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ގައުމީ އަމާނާތެއް ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.
ރާއްޖޭގައި ގައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ގާނޫނެއް ވުޖޫދުވި ދުވަހެވެ. މި ގާނޫނު ތަސްދީގުކުރެވުނީ 2019 ވަނަ އަހަރުއެވެ.



